Friday, May 20, 2016

Literature: ވާހަކައަށް ފާޑުކިޔުން

ވާހަކައަށް ފާޑުކިޔުން:
Image result for ‫ކުރަނގި މާރަނގަ‬‎
"ކުރަނގި މާރަނގަ"
އަލްފާޟިލް އިބްރާހިމް ޙުސައިން މަނިކު ލިޔުއްވާފައިވާ " ކުރަނގި މާރަނގަ" އަކީ ހަމައެކަނި އުފެއްދުންތެރި ލިޔުމެއް ނޫނެވެ. ޚިޔާލީވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ވާހަކައެއްވެސް ނޫނެވެ. އެއީ ދުނިޔޭގައި ކަން ހިނގާފައިވާ ގޮތާއި މިހާރުވެސް ހިނގަމުންދާގޮތް އަންގައިދޭ މޮޅެތި ވާހަކަތަކުގެ ތެރެއިން މޮޅު ވާހަކައެކެވެ. ސިފަކުރުންތަކާއިއެކު ދިވެހިބަހުގެ ޤަވާއިދާއި އުޞޫލުތައް ރީތިކޮށް ވަރަށް މޮޅަށް ހިފަހައްޓައިފައި ހުރި ވާހަކައެކެވެ. ކޮންމެ ޒަމާނަކަށްވެސް ފެތޭގޮތަށް ހެދިފައިވާ ވާހަކައަކަށް ވާނެކަށް ކަށަވަރެވެ. މިސަބަބަށްޓަކައި މިވާހަކައިގެ ސިފަކުރުންތައް ގެނެސްދީފައިވާގޮތާއި އެސިފަކުރުންތަކުން ވާހަކައަށް ލިބިފައިވާ ފުރިހަމަ ކަމަށް ބަލައިލާނަމެވެ. މިވާހަކައިގެ އާދަޔާ ޚިލާފު ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވުނީ މިވާހަކައަކީ ކުރު ވާހަކައެއް ނަމަވެސް، މި ވާހަކައިގައި ދިވެހި ބަހުގެ ރީތިހަމަތަކާއި، ދުނިޔެވީ އުޞޫލުތައް ދައްކަވައިދެއްވައިފައި ވާލެއް ފުރިހަމަ ކަމެވެ. އެހެންވީމާ،ކުރަނގި މާރަނގައަކީ ދިވެހި ބަހުގެ މޮޅު  ވާހަކައެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަމެވެ.
ވާހަކައިގެ ރޭވުންގަނޑަށް ބަލައިލާއިރު، މުޅި ވާހަކަ ބިނާވެފައިވަނީ މައިގަނޑު އެއް ހާދިސާއެއްގެ މައްޗަށެވެ. އެއީ މިވާހަކައިގެ މައިގަނޑު ޝަޙްސިއްޔަތު ނުވަތަ މައިގަނޑު ކަރެކްޓަރ ކަމަށްވާ މާލިކު އާއި އޭނާގެ ކޮއްކޮމެން އުޅެމުންއައި އަމިއްލަވަންތަ އުފާވެރި، މިނިވަން ދިރިއުޅުން މާލެ ކަހަލަ ތޮއްޖެހިފައިވާ މާހައުލަކަށް ބަދަލުވުމުން ދިމާވާ އެކިކަހަލަ މައްސަލަތަކެވެ. ކުރަނގި މާރަނގަ ފަދައިން އަމިއްލަ ވަޒަނެއް ނެތް ތަނަކަށް ހިޖުރަކުރުމުން ދިމާވާ ކަންތައްތަކެއްގެ މައްޗަށެވެ.
ދެންއޮތީ ވާހަކައިގައި ފުލޯ އާއި ޕްލޮޓްއެވެ. ފުލޯއަށް ބަލައިލާއިރު ވާހަކައިގައި ހިނގާފައިވާ ކަންތައްތައް އެއްކަމެއް އަނެއްކަމަކާ ގުޅުވާލައިގެން ގެނެސްދީފައިވާއިރު، ކުދި ހާދިސާތައް އެއް ހާދިސާއާއި އަނެއް ހާދިސާއާއި ގުޅުމާއި، ކުދި ހާދިސާތައް މައިގަނޑު ހާދިސާއާއި ގުޅުމާއިއެކު ހުރިހާ ހާދިސާއެއްގެ ސިފަކުރުންތައް ތަފުސީލްކޮށް ގެނެވިފައިވެއެވެ. ބައްޕަ މާލެގައި ހުރެފައި ރަށަށް އައުމުން މާލިކުއާއި މާހިރު ދެކުދިން ތިބިގޮތް ފެނި ރުޅިއާދެއެވެ. ބައްޕަ ރުޅިއައީ މާލިކުއާއި މާހިރު އާއި ދެކުދިން ފޫގަޅައިގެން ލޮނުވެލިން ދެފައި ހުދުވެ އަތުގައި މަސްފަތި އޮތުމުންނެވެ. ބައްޕަ އަހަރެމެންނާއި ދޭތެރޭގައި ކުރާ އުއްމީދު ވާހަކައިގައި ބުނެފައިނެތަސް ސިފަކުރުމުން އެނގުނެވެ. ބައްޕަ އަހަރެމެން މަސްވެރިންނަށް ވާހަކަށް ބޭނުމެއް ނުވެއެވެ. ބައްޕަ އައީ މާލެ ބަދަލުވުމަށްޓަކައި ކުރަންހުރި ހުރިހާކަމެއް ކޮށްފައި އަހަރެމެން ބަލައެވެ. ބައްޕަވެސް ރަށުގައި އުޅެން ބޭނުންނުވާކަން ބައްޕަގެ ވާހަކައިގެ ސިފަކުރުމުން އެނގިގެންދެއެވެ. ވާހަކައިގެ ނަން ކަމުގައިވާ "ކުރަނގި މާރަނގަ" މިވާހަކައިން ސިފަކޮށްދީފައިވަނީ މާލެގައި އުޅޭ ރަށްރަށުގެ މީހުން ދިރިއުޅޭގޮތާއި، އުޅެމުންދާތައް ކިތަންމެ ދުވަހެއްވިޔަސް އަމިއްލަ ވަޒަނަކަށް ދުވަހަކުވެސް ނުވާނެކަމެވެ. އަމިއްލަ ގެދޮރެއް ނުހުންނާނެއެވެ. ކޮންމެ ދުވަސްވަރެއްގައިވެސް ކޮންމެވެސް ކަމެއް ދިމާވެގެން އަބަދުވެސް އުޅޭތަން ބަދަލުކުރަންޖެހޭނެކަމެވެ. ކުރަނގި މާރަނގައަކީވެސް ވަޒަނެއް ގެދޮރެއް ހުންނަ އެއްޗިއްސެއް ނޫނެވެ. މާލޭގެ ރަށްވެހިން ފިޔަވާ ދެން މާލޭގައި ދިރިއުޅޭ މީހުންގެ މިސާލަކީވެސް ކުރަނގި މާރަނގާ ކަމަށް ވެގެންދެއެވެ. ކުރިން ރޭވުނު ހުރިހާ ކުދި ހާދިސާތަކެއް މައިގަނޑު ހާދިސާއާއި ގުޅިގެންދާއިރު މާލޭއާއި މެދު ކުރިން ވިސްނުނުގޮތް މާލިކުގެ އާއިލާ މާލެއަށް ހިޖުރަކުރެވުނީމަ ސިފަކުރެވި އިޙްސާސްކުރެވިގެންދެއެވެ. މިގޮތަށް ގެނެސްދީފައިވާއިރު ހުރިހާ ކަމެއްވެސް ތަރުތީބުން ފަސޭހައިން ދޭހަވާގޮތަށް ސިފަކޮށް ގެނެސްދީފައިވެއެވެ.
ވާހަކައިގެ ކަރެކްޓަރުން ގެންގުޅުއްވާފައިވަނީ ވާހަކައިގެ އަސްލުކަމަށް ބަލައިގެންނެވެ. މައިގަނޑު ކަރެކްޓަރއަށް ދިމާވާ ކަމެއްގެ ގޮތުގައެވެ. ވާހަކައިގެ ބަޠަލު ކަމުގައިވާ މާލިކުއަށް ދިމާވާ ހާދިސާއެއްގެ މައްޗަށް ބިނާކޮށްށެވެ. ވާހަކައިން ސިފަކުރެވޭގޮތުގައި މާލިކަކީ މަޑުމައިތިރި، ހުރިހާ މީހުންނާވެސް ގުޅޭ މިޒާޖެއްގެ ކުއްޖެކެވެ. ވާހަކައިގެ ހާދިސާއަކީ މާލިކަށް ދިމާވާ ކަމަކަށްވާތީ މާލިކުގެ އިޙްސާސްތައް ކިޔާ މީހުންނަށް އެނގި އިޙްސާސްކުރެވޭ މިންވަރުގެ މައްޗަށް ސިފަކޮށްދީގެންނެވެ. އެއީ އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގައިވެސް މިބާވަތުގެ ކަންތައްތައް ހިނގާ އުސޫލާއި އެންމެ ފާޑު އެއްގޮތަށް ސިފަކުރުން ގެނެސްދީފައިވެއެވެ. ވާހަކައިން ފެނިގެންދަނީ ދެކަރެކްޓަރއެވެ. އެއީ ވާހަކައިގެ މައިގަނޑު މައްސަލައިގެ ދެފަރާތުގައި ތިބި ދެކަރެކްޓަރުންނެވެ. މާލިކުއާއި އޭނާގެ ބައްޕައެވެ. އޭގެއިތުރުން ވާހަކަ ފުރިހަމަ ކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ކަރެކްޓަރުން ބޭނުންކުރައްވާފައި ވަނީވެސް ހަމަ އެންމެ އެދެވޭ ގޮތުގައި ބޭނުންވާ މިންވަރަށްށެވެ. މިގޮތުން މާލިކުގެ ކޮއްކޮގެ ވާހަކައާއި ރަޙްމަތެރި ހުސޭނުގެ ވާހަކަ އެންމެ އެކަށީގެންވާ ދަނޑިވަޅުގައި ގެނެސްދީ ސިފަކޮށްދީފައިވެއެވެ.
މިވާހަކަޔަކީ ފުރަތަމަ މީހާގެ ނަޒަރުން ކިޔައިދީފައިވާ ވާހަކައެކެވެ. މާލިކުގެ އަމިއްލަ ދިރިއުޅުމާއި އިހްސާސްތައް އެނގި އަމިއްލައަށް އިޙްސާސްކުރެވި ލިޔުއްވާފައިވާ ފަދައެވެ. ވާހަކައިގެ ހާދިސާ ކުރިއަށްދާގޮތް ކިޔާދެއްވާ ސިފަކޮށްދީފައި ވަނީވެސް ދެންވާނެގޮތް ކިޔާމީހާގެ ހިތަށް އަންނާނެފަދަ ޝައުގުވެރިގޮތަކަށެވެ. އިތުރަށް ވާހަކަ ކިޔުމުގެ ޝައުގު އުފައްދާފައެވެ. މިޝައުގުވެރިކަން ވާހަކަ ފެށުނީއްސުރެ ނިމެންދެންވެސް ހިފެހެއްޓިފައި ވާކަމީ ވާހަކައިގެ ސިފަކުރުން ފުރިހަމަވެ އިތުރުވެގެންދިޔަ މައިގަނޑު އެއްސަބަބެވެ.
ވާހަކައިގެ ޕްލޮޓަށް ބަލާލާއިރު މާލިކުގެ އާއިލާއަށް މާލެދެވި މާލޭގައި ދިރިއުޅެން ފެށުމުން ދިމާވާ ކަންތައްތައް ކިޔާމީހާއަށް ހުރެވެނީ މާލޭގައިކަން އިޙްސާސްކުރެވި ސިފަކުރެވިގެންދެއެވެ. ބައްޕަ ސިފަކުރެވޭއިރު ބައްޕަ ހުންނަގޮތް ފެންނަ ފަދައެވެ. ބައްޕަ ދިރިއުޅުމާއި އަހަރެމެން ގޭތެރޭގައި އުޅެންޖެހި ފައިވާގޮތް ފެނި ހާމަވާ ކަހަލައެވެ. ބައްޕައަކީ އަމިއްލަ ގޮތުގައި ހުންނަ މީހެއްކަށް ވާހަކައިން ވަރަށް ރަނގަޅަށް ސިފަވެގެންދެއެވެ. އަހަރެމެން ފޫހިވާތީ އުޅެންފެށުމުން ބައްޕަ ބުނަނީ "އިސާހިތަކު ހޭނިދާނެކަމަށެވެ. ފަހުން ހުރިހާކަމެއްވެސް ރަނގަޅު ވާނެކަމަށެވެ." " ބައްޕަ ލޯއަޅާލިއެވެ. ހޭނުޖެހޭ މޮޔަ ކުއްޖާއެވެ. ގެއަން ވަންނާށެވެ. އެހެންވެސް ބީރައްޓެހިން މިރަށުގައި އުޅޭގޮތަށް އަހަރެމެންނަށްވެސް އުޅެވޭނެއެވެ." އަދި ކޮޓަރިތަކާއި ފާޚާނާ އަދި ބަދިގެ ކުރިގޮތެވެ. އެތަނުގައި އުޅޭނެ ބަޔަކު އުޅޭނެ ހާލު ކިޔާމީހާއަށް އެނގޭނެގޮތަށް ސިފަކޮށްދީފައިވެއެވެ. މުޅި ވާހަކައިގައި ހިނގާ ހުރިހާ ކަންކަމާއި ތަންތަނާއި މީހުން ސިފަކޮށްފައިވަނީ ލޮލަށް އެމަންޒަރު ފެންނަ ފަދައިން ކިޔާމީހާއަށް ސިފަކުރެވޭނެފަދަ ފުރިހަމަ ގޮތަކަށެވެ.
ވާހަކަ ލިޔުއްވާފައިވަނީ ވާހަކައިގައި އުޅޭ މީހުންނަށް ސަމާލުކަންދީގެންނެވެ. މާލިކުއާއި މާލިކުގެ އާއިލާގެ މެމްބަރުންގެ އުޅުމާއި ސިފަތައް ކުރުވާހަކައެއްގައި ގެނެސްދެވޭވަރަށް ދައްކުވައިދެމުންނެވެ. ހަމައެގޮތުން  ރަށުގެ މަންޒަރުތައް ސިފަކޮށްފައިވާ ގޮތުން އެ އާއިލާގެ އުޅުމާއި، މުޅިރަށުގެ ހިތްފަސޭހަކަށް ކުރު ޖުމްލަތަކަކުން ސިފަކުރެވިފައިވެއެވެ. މާލޭގައި އުޅެމުންދިޔަ ދަތިކަންވެސް ސިފަކޮށްދީފައިވެއެވެ. މާލިކުއާއި ކޮއްކޮ ދޫނި ހިފަން އުޅުނުއިރުގައި ޙަރަކާތްތައް ހުރިގޮތްތެވެ. ރަށުގެ ބޯ ޖައްގަލީތެރެއިން ދިޔަގޮތެވެ. މޫދާއި ވާހަކައިގައި އުޅޭ ދޫނިތައްވެސް މިގޮތުން ފުރިހަމައަށް ސިފަކޮށްދީފައިވެއެވެ. ބައްޕަގެ ވާހަކަތަކުން ބޭނުންވާގޮތާއި، އުއްމީދުތަކާއި ބައްޕަގެ ސިފަ ކުރުގޮތަކަށް ގެނެސްދީ ކިޔާމީހުންނަށް ދައްކުވައިދީފައިވެއެވެ. ވާހަކައިން ކިޔާމީހުންގެ ފޫހިނުވެ ޝައުގުކުރުވާފަދަ ގޮތަކަށެވެ. ހަމައެހެންމެ މިވާހަކައިގެ ސިފަކުރުންތައް ގެނެސްފައިވާގޮތުން ޢިބްރަތްތެރި ވާހަކައެއްކަމުގައިވެސް ދަންނަވަންޖެހެއެވެ.
މިވާހަކާގައި ދެކެވޭ ވާހަކައިގެ ގޮތުގައި ސިފަކުރުންތައް މިޒަމާނުގެ ވާހަކަތަކާއި އަޅާބަލާއިރު މަދުކަމުގައިވިޔަސް މުޙިއްމު ޙާލަތްތަކުގައި ދެކެވޭ ވާހަކަ ގެނެވިފައި ހުރިކަން ފާހަގަކުރެވެއެވެ. ވާހަކައިގެ ސިފަކުރުން ގެނެވިފައިވާގޮތުން މިޒަމާނުގެ ވާހަކަތަކާއި މިހާރުގެ ކަންހިނގާގޮތާއި އަޅާބަލާއިރު މިއީ މިހާރުވެސް މިމުޖުތަމަޢުގައި ހިނގާކަންތައްކަމާއި ވާހަކައިން މެސެޖެއް ލިބޭކަން ފާހަގަކުރެވެއެވެ.
މިއީލިޔުންތެރިޔާގެ ހިތުގައި އަމިއްލަ ޚިޔާލަށް އުފެއްދި އުފެއްދުމެއްކަމަށް ޤަބޫލުކުރެވެއެވެ. ސިފަކުރުންތަކުގައި ހިތްގައިމު ރޭވުންގަނޑަކަށް ހާދިސާތަކެއް ހިމަނުއްވާފައިގެން ކިޔާމީހުންނަށް ސިފަކުރެވޭ ވަރަށް ސިފަކުރުން ގެނެސްދީފައިވާ ފުރިހަމަ ވާހަކައެކެވެ. ކުންނާއި ޤަވާއިދުގެގޮތުން ބަލާއިރު ބަހުގެ ހަމަތަކާއި އުޞޫލުތަކަށް ފެތެއެވެ. ވާހަކައިގެވައްޓަފާޅިއާއި ފާޑުވެރިކަމަށް ބަލާއިރު ދިވެހިވަންތަކަށް ގުޅޭ ބަސްކޮށާރެއްސިފަކޮށްދީ ބޭނުންކުރައްވައިފައިވެއެވެ.ވާހަކައިގައި " ތިރިން ފެންނަ އާ ރޯފެހިކަމާ ދުރުން ދަޅަޖަހާ ކަނޑުފަޅުގެ ނޫކަން ދެކެމުންނެވެ. "  " މާކަނޑު ތޮޅިލަމުން ރާޅުގަނޑުމަތިން ފައްސިޔަކޮށްލާ ފުޅަނގިތައް ވަރުހުސްވެގެން ވެއްޓެނީ އެހެންޏާ ކަނޑު ތޮށި މައްޗަށެވެ. " " ޖެހިގެން ހުރި ކުޑަ ދޯއްޔެއްހައި ފާޚާނައެކެވެ. " މިފަދަ ތަފާތު އިބާރާތްތައް ބޭނުންކުރުމުން ސިފަކުރުންތަކުން ވާހަކައަށް އިތުރު ފުރިހަމަކަން ގެނެސްދެއެވެ. އެހެންކަމުން ދަންނަވަންޖެހެނީ ކުރުވާހަކައެއްގެ ނިސްބަތުން ފުރިހަމަ ސިފަކުރުންތަކެއް ގެނެސްދީފައިވާ ވާހަކައެއްކަމުގައެވެ.
--------------------------------------

No comments:

Post a Comment